ޕަބްލިކް ސާރވިސް މީޑިއާގެ ދަށުން ހިންގާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމްއެމްއައި) އިން މީޑިއާގެ ދާއިރާއަށް މީހުން ބިނާކުރުމުގެ މަޤްޞަދުގައި އަތޮޅުތެރެއަށް އަމާޒުކޮށްގެން ބޭސިކް މީޑިއާ ސްކިލްސް ވޯކްޝޮޕެއް ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
އެމްއެމްއައި އިން ބުނިގޮތުގައި، މި ޕްރޮގްރާމުގެ ފުރަތަމަ ވޯކްޝޮޕް ކުރިއަށްދާނީ މި މަހުގެ 24 އިން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ވޯކްޝޮޕްގައި ނޫސްވެރިކަމާއި، ކެމެރާކުރުމާއި، ވީޑިއޯ އެޑިޓްކުރުމުގެ އިތުރުން، ޚަބަރާއި ޕްރޮގްރާމް ހުށަހަޅައިދިނުމުގެ ދާއިރާއިން ތަމްރީނު ދެވޭނެ ކަމަށް އެ އިންސްޓިޓިއުޓުން ވަނީ ހާމަކޮށްފައެވެ.
މި ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހޭނީ mmi@psm.mv އަށެވެ.
ވޯކްޝޮޕްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމާއެކު އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް ހުށަހަޅަންޖެހޭނެއެވެ. އެމްއެމްއައި އިން ފާހަގަކޮށްފައިވާ ގޮތުގައި، މި ވޯކްޝޮޕަކީ އެ އިންސްޓިޓިއުޓުން އެކި ދާއިރާތަކުން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން އެއް ޕްރޮގްރާމެވެ.
މި ވޯކްޝޮޕްގެ ސަބަބުން މީޑިއާގެ ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ދާއިރާއިން ކުރިއަށްދިއުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް އެމްއެމްއައި އިން ވަނީ ފާހަގަކޮށްފައެވެ.




