މީޑިއާ ބިލު އެޕްލައިވާނީ ހަމައެކަނި ރަޖިސްޓަރީ ކޮށްފައިވާ މީޑިއާތަކަށް ކަމަށާއި، މީޑިއާއަކަށް ނިސްބަތްނުވާ ފަރާތްތަކަށް މީޑިއާ ބިލު އެޕްލައިނުވާނެ ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވަހީދު ވިދާޅުވި ގޮތުގައި، ސޯޝަލް މީޑިއާގައި އާންމު ގޮތެއްގައި ކޮންޓެންޓް ހިއްސާކުރާ ފަރާތްތަކަށް މި ބިލު އެޕްލައިނުވާނެއެވެ. އެހެންނަމަވެސް، ރަޖިސްޓަރީ ކޮށްފައިވާ މީޑިއާއެއްގެ ދަށުން ހިންގާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް މި ބިލު އެޕްލައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”މިސާލަކަށް ޚުލާސާގެ ނޫހުގެ ދަށުން ހިންގާ ފޭސްބުކް ޕޭޖު، އިންސްޓަގްރާމް އެކައުންޓް، ޓެލެގްރާމް ޕޭޖް، ވައިބަރ ޕޭޖު ފަދަ ޕްލެޓްފޯމްތަކަށް މި ބިލު އެޕްލައިވާނެ. އެ ބޭފުޅުން ޚަބަރު ފެތުރުމުގައި ޒިންމާދާރުވާންޖެހޭނެ،“ މިނިސްޓަރު ވިދާޅުވިއެވެ.
އަމިއްލަ ބޭނުމަށް ޓެލެކޮމިއުނިކޭޝަން ޕްލެޓްފޯމްތައް މެދުވެރިކޮށް ފޮނުވާ މެސެޖުތަކަށް މި ބިލު އެޕްލައިނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް އަމާޒުކޮށް، މި ބިލަކީ އެފަރާތްތަކާ ގުޅުންހުރި ބިލެއް ނޫން ކަމަށް ވިދާޅުވިއެވެ.
”ބައެއް ބޭފުޅުން މި ބިލަށް އެޕްލައިކުރައްވަން އެބަ އުޅުއްވާ. އެއްގޮތަކަށްވެސް ޖެހިވަޑައިނުގަންނަވާނެ. މިއީ ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނާ ބެހޭ ބިލެއް ނޫން. މިއީ ހަމައެކަނި ރާއްޖޭގެ ރަޖިސްޓަރީ ކޮށްފައިވާ މީޑިއާތަކާ ބެހޭ ބިލެއް،“ މިނިސްޓަރު ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މީޑިއާ ބިލާ މެދު އެކި ނޫސްވެރިން ޚިޔާލު ތަފާތުވި ނަމަވެސް، އެއްވެސް މީހެއްގެ ކަރާމާތަށް އަރައިގަތުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
އަދި ބިލާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ވާހަކަދައްކައިގެން މަޝްވަރާކޮށްގެން ބިލަށް ލިބޭ ކޮންމެ ހައްލެއްގެ ފައިދާކުރާނީ ނޫސްވެރިންނަށާއި ރައްޔިތުންނަށްކަމަށްމިނިސްޓަރު ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ދަނީ މީޑިއާ ބިލުގެ ސަބަބުން ޢާންމު ރައްޔިތުން ސޯޝަލް މީޑިއާ ބޭނުންކުރާ ގޮތް ރެގިއުލޭޓުކުރެވޭނެ ކަމަށާއި ކޮންޓެންޓް އުފައްދާ ފަރާތްތައްވެސް ރެގިއުލޭޓްކުރެވޭކަމަށް ބުނެ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ފަތުރަމުންނެވެ.




