ނޭޕާލްގެ ސަރުކާރާ ދެކޮޅަށް ދާދި ފަހުން ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެ ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 30 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް އެ ޤައުމުގެ ފަތުރުވެރިކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.
މީސްމީޑިއާގެ ބައެއް މަންސަތައް މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ފެށުނު މުޒާހަރާތަކުގައި ހިނގި ކުރިމަތިލުންތަކުގައި 72 މީހުންގެ ފުރާނަ ގެއްލި، 2،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ އިސްތިއުފާ ދެއްވުމަށްފަހު، އިންތިޤާލީ ސަރުކާރެއް އެކުލަވާލައި، ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝިލާ ކަރްކީ ވަނީ އިންތިޤާލީ ބޮޑުވަޒީރުކަމަށް އައްޔަންކޮށްފައެވެ.
ފަތުރުވެރިކަމަކީ ނޭޕާލްގެ އިޤްތިޞާދުގެ މައި ތަނބުތަކުގެ ތެރެއިން އެއް ތަނބެވެ. އަހަރަކު 1.2 މިލިއަން ފަތުރުވެރިންނަށް މަރުޙަބާ ކިޔާ މި ޤައުމުގެ ޖީޑީޕީގެ 8 އިންސައްތަ ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ.
”ހަމަނުޖެހުންތައް ފެށުނު ފަހުން ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވޭ. އަދި ގާތްގަނޑަކަށް 8 އިން 10 އިންސައްތައާ ދެމެދުގެ އަދަދެއްގެ ބުކިންގްތައް ވަނީ ކެންސަލްކޮށްފައި،“ ނޭޕާލްގެ ފަތުރުވެރިކަމުގެ ދާއިރާގެ މަސްދަރެއް ހާމަކުރިއެވެ.
ނޭޕާލްގެ ފަތުރުވެރިކަމުގެ މައި އަމާޒަކީ ދުނިޔޭގެ އެންމެ އުސް ފަރުބަދަ، މައުންޓް އެވަރެސްޓާއި، އެ ޤައުމުގެ ޤުދުރަތީ މާހައުލުގައި ޓްރެކިންގ ކުރުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނެވެ.
ހަމަނުޖެހުންތަކަށްފަހު މިހާރު ވެރިރަށް ކަތުމަންޑޫގެ މަގުތައް އަމާންވެ، ވިޔަފާރިތައް އާންމު ހާލަތަށް އައިސްފައިވީ ނަމަވެސް، ފަތުރުވެރިންގެ އަދަދު އަދިވެސް ވަނީ ދަށަށެވެ.




