އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަނީ ގަތުލު އާންމެއް ކަމަށާއި، އެ ލާއިންސާނީ އަމަލުތައް ހިންގާ އިސްރާއީލުގެ ސަރުކާރު ކުށްވެރި ކުރާ ކަމަށް އދ. ގެ ތަހުގީގަކަށް ފަހު ބުނެފިއެވެ.
މި ތަހުގީގީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރު ހަމާސްއާ އެކު ހަނގުރާމަ ފެށި ފަހުން، ބައިނަލްއަގްވާމީ ގާނޫނުގައި ކަނޑައަޅާފައިވާ ފަސް ގަތުލު އާންމުގެ އަމަލުތަކުގެ ތެރެއިން ހަތަރު އަމަލެއް އިސްރާއީލުން ހިންގާފައިވެއެވެ.
އދ. ގެ ރިޕޯޓުގައި އިސްރާއީލުގެ ލީޑަރުންގެ ބަޔާންތަކާއި، އިސްރާއީލުގެ ބާރުތަކުން އަމަލުކުރާ ގޮތްތައް ވަނީ ގަތުލު އާންމު ހިންގުމުގެ ނިޔަތުގެ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައެވެ. ނަމަވެސް، އިސްރާއީލުގެ ހާރިޖީ ވުޒާރާއިން ވަނީ މި ރިޕޯޓަކީ ”އޮޅުވާލާފައިވާ ދޮގު“ ރިޕޯޓެއް ކަމަށް ބުނެ ކުށްވެރިކޮށްފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ހަމަލާދޭން ފެށި 7 އޮކްޓޯބަރު 2023 އިން ފެށިގެން މިހާތަނަށް 64،905 މީހުން ޝަހީދުވެފައިވާ ކަމަށް ހަމާސްގެ ސިއްހީ ވުޒާރާއިން ބުނެއެވެ. މީގެ އިތުރުން، ޣައްޒާ ސިޓީގެ 90 ޕަސެންޓަށްވުރެ ގިނަ ގެތަކަށް ގެއްލުން ލިބި ހަލާކުވެފައިވާ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.
އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ސިއްހީ ފަރުވާއާއި ފެނުގެ ނިޒާމުތައް ވަނީ މުޅިން ހަލާކުވެފައެވެ. އަދި މި އަނިޔާވެރިކަމުގެ ތެރޭގައި އދ. ގެ ފުޑް ސެކިއުރިޓީގެ ތަޖުރިބާކާރުން ވަނީ ޣައްޒާ ސިޓީގައި ބަނޑުހައިހޫނުކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.
އިސްރާއީލުގެ ސަރުކާރުން މި ރިޕޯޓާ ދެކޮޅަށް ބުނީ، ރިޕޯޓު އެކުލަވާލި ކޮމިޝަނުގައި ތިބި ތިން ތަޖުރިބާކާރުންނަކީ ހަމާސްއާ އެއްކޮޅަށް މަސައްކަތްކުރާ ބައެއް ކަމަށާއި، ރިޕޯޓު އެކުލަވާލުމުގައި މުޅިން ބަރޯސާވެފައިވަނީ ހަމާސްގެ ”ދޮގު“ ވާހަކަތަކަށް ކަމަށެވެ.



