ޕާކިސްތާނުގައި އިންތިޒާމުކޮށްގެން ބާއްވާ ”ފަސްޓް އިންޓަނޭޝަނަލް ގިރާއަތު ކޮމްޕެޓިޝަން“ ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.
މި މުބާރާތަކީ 2025 ވަނަ އަހަރުގެ ފަހުކޮޅު ޕާކިސްތާނުގެ އިސްލާމާބާދުގައި، އެ ޤައުމުގެ މިނިސްޓްރީ އޮފް ރިލިޖަސް އެފެއާޒް އެންޑް އިންޓާ ފެއިތު ހާމަނީން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.
ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުން ބުނިގޮތުގައި، މި މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއަށް ލިބިފައިވަނީ އެންމެ ފުރުސަތެކެވެ. މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ފިރިހެނުންނަށެވެ.
މުބާރާތުގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށްވުމާއި، އުމުރުން 25 އަހަރާއި 35 އަހަރާ ދެމެދުގެ ފިރިހެނަކަށްވުން ހިމެނެއެވެ. މީގެއިތުރުން، ތަޖުވީދުގެ ހަމަތަކާއެކު ފަރިތަކޮށް ގުރުއާން ކިޔަވަން އެނގޭ ފަރާތަކަށްވުން ޝަރުތު ކުރެއެވެ. ޚާއްޞަކޮށް ގިރާއަތްތަކަށް ކިޔަވަން އެނގޭ، ގުރުއާން ހިތުދަސް ހާފިޒުންނަށް އިސްކަންދެވޭނެ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
މުބާރާތުގައި ބައިވެރިވާ ފަރާތަށް ޕާކިސްތާނަށް ދަތުރުކުރުމުގެ ޓިކެޓާއި، އެ ޤައުމުގައި ހުރުމާއި ކެއުމުގެ ޚަރަދުތައް ހަމަޖައްސައިދޭނީ މުބާރާތް އިންތިޒާމުކުރާ ފަރާތުންނެވެ.
މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ސެޕްޓެމްބަރު 23 ވަނަ ދުވަހުގެ މެންދުރު 11:00 ގެ ކުރިން ގޫގުލް ފޯމް ފުރިހަމަކޮށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ.



