ފަލަސްޠީނުގެ ޣައްޒާ ސިޓީގައި ޔަހޫދީން އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތައް ހިންގަމުންދާ ކަމުގެ ގިނަ ހެކިތަކެއް ލިބިފައިވާ ކަމަށް ބުނެ، އެކުވެރި ދައުލަތްތަކުގެ (އދ) އިންސާނީ ޙައްޤުތަކާ ބެހޭ ސަފީރު ފޮލްކަރ ތުރްކު، ޣައްޒާއަށް އަމާޒުކޮށްފައިވާ ޢުދުވާން ވަގުތުން ހުއްޓައިލުމަށް ގޮވާލައްވައިފިއެވެ.
ޣައްޒާގެ މުސްލިމުންގެ ނަސްލު ނައްތާލުމަށް ޔަހޫދީން 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު ފެށި ޤަތުލުޢާންމުގައި، މިހާރު އެ ސަރަހައްދުގެ އުތުރުގައި އޮތް ޣައްޒާ ސިޓީ އިސްތިޢުމާރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އދ އިން ބުނެއެވެ. އދގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 140,000 އަށްވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދުން ފައިބާފައެވެ.
”އަޅުގަނޑުގެ ފިކުރަށް ހަމައެކަނި އަންނަނީ، މި ފަދަ ގޮތަށް އަލުން ޙަމަލާތައް އަމާޒު ކުރަން ފެށުމުން އަންހެނުންނާއި، މެލްނަރިޝްމަންޓްގެ ހާލަތު ތަހައްމަލު ކުރަން މަޖުބޫރުވެފައިވާ ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުރި މީހުންނަށް ކުރިމަތިލާން ޖެހިފައިވާ ނިކަމެތި ހާލަތު،“ ތުރްކު ވިދާޅުވިއެވެ.
އދގެ ކުޑަކުދިންނާ ބެހޭ ފަންޑު (ޔުނިސެފު) އިން ވަނީ ޣައްޒާ ސިޓީގެ ކުޑަކުދިންނަށް އަމިއްލަ ވަޒަން ދޫކޮށް ހިޖުރަ ކުރުމަށް މަޖުބޫރު ކުރުވުމަކީ އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އަދި އދގެ ޚާއްޞަ ކޮމިޝަނަކުން ވަނީ ޣައްޒާގައި ހިނގަމުންދަނީ ޤަތުލުޢާންމެއް ކަމަށް ކަނޑައަޅައި، އޭގެ މޭސްތިރިންގެ ގޮތުގައި ޒަޔަނިސްޓު ދައުލަތުގެ އިސް ފަރާތްތައް ފާހަގަކޮށްފައެވެ.
ޔުނިސެފުގެ ތަރުޖަމާނު ޓެސް އިންގްރަމް ބުނީ، 700 ދުވަހަށް ދެމިގެން ގޮސްފައިވާ މި ޢުދުވާނުގައި ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތައް ލިބިފައިވާ އެތައް ސަތޭކަ ހާސް ކުޑަކުދިން އަމިއްލަ ވަޒަނުން ނެރުމަށް ހިންގަމުންދާ ޖަރީމާތައް އެއީ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކެއް ކަމަށެވެ.



