ނޫސްވެރިންގެ މޫނަށް ޕެޕާ ސްޕްރޭ ޖަހާ ހައްޔަރުކުރީ ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ކަމަށް ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން އިއްޔެ މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލު ފާސްކުރުމާ ގުޅިގެން، އިދިކޮޅު ފަރާތްތަކުން ކުރީގެ ސަރުކާރުތަކާއި މީޑިއާގެ މިނިވަންކަމާ ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އަލަށް ފާސްކުރި މީޑިއާ އަދި ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލަކީ މީޑިއާ ބެލެހެއްޓުން މިނިވަން ކޮމިޝަނަކުން ކުރުމަށް މަގުފަހިކޮށްދޭ ބިލެކެވެ.
އަދި މި ކޮމިޝަންގެ ގިނަ މެންބަރުން ހޮވާނީ ރަޖިސްޓަރީކޮށްފައިވާ މީޑިއާ އިދާރާތަކުން ސީދާ އިންތިޚާބުކޮށްގެން ކަމަށާއި، މިކަމުގެ ސަބަބުން ދެފުށް ފެންނަ ގޮތަށް ކަންކަން ހިނގައި، ސަރުކާރުގެ ނުފޫޒުން މީޑިއާ އެއްކިބާ ވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ނަމަވެސް، ކުރީގެ ސަރުކާރުތަކުގެ ދައުރުގައި މީޑިއާގެ މިނިވަންކަމާ މެދު ދައްކާ ވާހަކަތަކަކީ އެބޭފުޅުން ބުނާހާ ކާމިޔާބު ވާހަކަތަކެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ކުރީ ސަރުކާރުގައި މުޒާހަރާތައް ކަވަރުކުރަމުން ދިޔަ ނޫސްވެރިންގެ މޫނަށް ޕެޕާ ސްޕްރޭ ޖަހާ، އައްޑަނައާއި، ބާރުގެ ބޭނުންކުރުމާ ކުރިމަތިލާން ޖެހުނު.“ މިނިސްޓަރު ވިދާޅުވިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި 60 މެންބަރުންގެ ވޯޓުންނެވެ.



