ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ޢުދުވާނީ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވެފައިވާ މީހުންގެ އަދަދު 65،000 އަށް އަރައިފިއެވެ.
އަލްޖަޒީރާ މީޑިއާއިން ހާމަކުރި ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 65،062 މީހުން ޝަހީދުވެފައިވެއެވެ.
މީގެ އިތުރުން މި މުއްދަތުގައި 165،697 މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް އެ މީޑިއާއިން ވަނީ ހާމަކޮށްފައެވެ.
އިސްރާއީލުގެ ޢުދުވާނީ ހަމަލާތަކުގައި ޣައްޒާގެ ގިނަ އަދަދެއްގެ އިމާރާތްތައް ވަނީ ބިމާއި ހަމަކޮށްލާފައެވެ. އަދި މި އިމާރާތްތަކުގެ ތެރޭގައި އެތައް ހާސް ބަޔަކު ތާށިވެފައި ތިބެދާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ.
ޣައްޒާގައި ހިނގަމުންދާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވެއެވެ.




