އަގުހެޔޮ ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ދެމެދު މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި، ރާއްޖޭގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުކުރުމާއި، ގައުމީ ވިއުގައަށް އިއާދަކުރަނިވި ހަކަތަ އިތުރަށް ތަޢާރަފުކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
އަދި ދެމެހެއްޓެނިވި، އަގުހެޔޮ ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަމުން މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ރައްޔިތުންނަށް ފޯރުކޮށްދެވޭ ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށެވެ. އަދި މިކަމަށްޓަކައި ސްޓެލްކޯއާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަމާޙް ރަޝީދު ވިދާޅުވީ، ރާއްޖޭގެ ކަރަންޓުގެ ވިއުގަ ހަރުދަނާކޮށް، އިއާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކުރުމަށް ސްޓެލްކޯއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މިނިސްޓްރީގެ އެހީތެރިކަމާއެކު މި މަސައްކަތްތައް އިތުރަށް ހަލުވިކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އެމްޑީ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުން ނިންމާލަމުން، ރާއްޖޭގެ ހަކަތައިގެ ދާއިރާ ތަރައްޤީ ކުރުމަށް ގުޅިގެން މަސައްކަތްކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ކަރަންޓުގެ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށް ކުރެވެންހުރި އެންމެހައި މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ދެ ފަރާތުން އެއްބަސްވެފައިވެއެވެ.



