ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފެލިދެއަތޮޅު ފުލިދުއަށް ވަޑައިގަންނަވައިފިއެވެ.
ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ އަށް ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ފެއްޓެވި ދަތުރުފުޅު ފައްޓަވާފައި މިވަނީ ފެލިދެއަތޮޅުންނެވެ.
އެއަތޮޅުން ފުރަތަމަ ރަށެއްގެ ގޮތުން މިދަތުރުފުޅުގެ ފުލިދުއަށް ވަޑައިގެންނެވުމުން އެރަށުގެ މުއްއައްސަސާތަކާއި، އެކު އުމުރުފުރާގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ފުލިދޫގައި ރައީސް ކުރިއަށް ގެންދަވާ ޙަރަކާތްތަކުގެ ތެރޭގައި، އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުން ހިމެނެއެވެ. މި ބައްދަލުވުންތަކުގައި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ އެންމެ އިސް އެދުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ފުލިދޫގެ ތަރައްޤީއަށް މުހިންމު އެތައް މަޝްރޫޢުތަކެއް ފެއްޓެވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ފެށުމާއި، ސިއްޙީ މަރުކަޒުގެ އަމަލީ މަސައްކަތް ފެށުމުގެ އިތުރުން އެރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރި އަދި ކޮޅުމަޑުލުގެ ރަށްތަކަށް ޒިޔާރަތްކުރައްވާނެއެވެ.
ރައީސްގެ އަރިހުގައި މި ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް މުއައްސަސާތަކުގެ ވެރިން ހިމެނޭ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.



