ދިވެހިން އާއްމުކޮށް ބޭނުންކުރާ މޭވާގެ ތެރޭގައި ހިމެނޭ އާފަލާއި އޮރެންޖްގެ އަގު ރާއްޖޭގައި އިންތިހާއަށް ބޮޑުވުމަށް ފަހު ވަރަށް ބޮޑަށް އަގުހެޔޮ ވެއްޖެއެވެ.
މައުލޫމާތު ލިބޭގޮތުގައި، ބާޒާރުގައި އޮރެންޖު ކިލޯއެއްގެ އަގު 80 ރުފިޔާގައި ހުރުމަށް ފަހު މިހާރު ވަނީ 33 ރުފިޔާއަށް ތިރިވެފައެވެ. އަދި ރަތް އާފަލު ކިލޯއެއްގެ އަގު ކުރިން 80 ރުފިޔާއަށް އެރި ނަމަވެސް މިހާރު ވަނީ 44 ރުފިޔާއަށް ވެއްޓިފައެވެ.
ބާޒާރުގައި މި ދެ ބާވަތުގެ މޭވާ މި އަގަށް ލިބެން ހުރި އިރު، ކުދި ފިހާރަތަކުން އޮރެންޖެއް ވަކިން ވިއްކާ އަގު ވެސް މިހާރު ހުރީ އާންމުކޮށް 3.50 ރުފިޔާގައެވެ. ނަމަވެސް ފެހި އާފަލުގެ އަގަށް އަދި ބަދަލެއް އައިސްފައެއް ނުވެއެވެ. ފެހި އާފަލު ކިލޯއެއް މިހާރު ވެސް ވިއްކަމުން ދަނީ 63 ރުފިޔާއަށެވެ.
ވިޔަފާރިވެރިން މައުލޫމާތު ދެއްވި ގޮތުގައި ފެހި އާފަލުގެ އަގަށް އަދި ބަދަލު ނާންނަނީ އާ ސްޓޮކް އަދި ރާއްޖެ އަށް ނާންނާތީއެވެ.
އޮރެންޖާއި އާފަލުގެ އަގު މިހާ ބޮޑަށް ދަށްވެފައި މިވަނީ އެސްޓީއޯއިން އެ ބާވަތްތަކުގެ ބޮޑު ސްޓޮކެއް ރާއްޖެ ގެނެސް ވިއްކަން ފެށުމާ ގުޅިގެންނެވެ.
ރާއްޖޭގެ ބާޒާރުގައި މޭވާ އާއި ތަރުކާރީގެ އަގު ބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެސްޓީއޯއިން ވަނީ 23 ބާވަތެއް ދާއިމީކޮށް ގެންނަން ނިންމައިފައެވެ. މީގެ ތެރޭގައި ހިމެނެނީ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީގެ އިތުރުން ކާށި، މުގު އަދި ކުކުޅު ބިހެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި މި ބަދަލާ އެކު، ރާއްޖޭގެ ބާޒާރުގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް އާދަޔާ ހިލާފަށް އަގު ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބި، އަންނަ އޮކްޓޯބަރު މަހުގެ 15 އިން ފެށިގެން އެ ބާވަތްތައް އަގުހެޔޮވާނެކަމަށް ވިދާޅުވިއެވެ.



