ވ. ފުލިދޫގައި އަންނަ އަހަރުގެ މާރިޗް މަހުގެ ކުރިން ޑޮލަރު އޭޓީއެމްއެއް ބެހެއްޓޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަދު އެރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްއެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ފުލިދޫއަކީ ލޯކަލް ޓޫރިޒަމްގެ ދާއިރާގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ރަށެކެވެ. އަދި އެރަށުން ދައުލަތަށް ވަރަށް ބޮޑު އަދަދެއްގެ ޓެކްސް ދައްކަމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
”އެހެންވީމަ މިހާ ބޮޑު ކޮންޓްރިބިއުޝަނެއް ރާއްޖެއަށް ކުރަމުންދާ ރަށަކަށްވާއިރު، މިހާ ބޮޑު އަދަދަކަށް ޔޫއެސް ޑޮލަރު ދައުރުވަމުންދާއިރުގައި މި ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި ތިބޭފުޅުންނަށް، ހަމަ ޔަގީނުންވެސް ވަރަށް ބޮޑު ތަނުން ފަސޭހަވެގެން ދާނެ މިއަދު ހުޅުވިގެންދާ އޭޓީއެމްއާ އެކީގައި ޔޫއެސްޑީ އޭޓީއެމްއެއް ބެހެއްޓިގެން ދިއުން،“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ފުލިދޫގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ވޮލީ ކޯޓެއް އެޅުމުގެ މަސައްކަތް ހަވާލުކުރެވި، ފުޓްސެލް ދަނޑެއްގެ އަމަލީ މަސައްކަތް މިއަހަރު ފެށުމަށް ހަމަޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.
އަދި މިހާރު ސިއްހީ މަރުކަޒުގެ ބިންވެސް އަޅާފައިވާއިރު، ބަނދަރު ހެދުމުގެ މަސައްކަތްވެސް ފެށިފައިވެއެވެ.
ރައީސް ވިދާޅުވިގޮތުގައި، އެރަށުގައި ތަރައްގީކުރެވޭ ސިއްހީ މަރުކަޒަކީ 20 އެނދުގެ ޒަމާނީ ފެންވަރުގެ މަރުކަޒެކެވެ.



