ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފެލިދެއަތޮޅު ތިނަދުއަށް ވަޑައިގަންނަވައިފިއެވެ.
ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ 8 ދުވަހުގެ ދަތުރުފުޅު ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިމިވަނީ ފެލިދެއަތޮޅުންނެވެ.
އެގޮތުން މިދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން ތިނަދުއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މި ދަތުރުފުޅުގައި ތިނަދޫގައި ރައީސުލްޖުމްހޫރިއްޔާ އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ތިނަދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރި އަދި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ 31 ރަށަކަށް އެމަނިކުފާނު ޒިޔާރަތްކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.




