ފެލިދެއަތޮޅު ތިނަދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވައިފިއެވެ.
މި ޚިދުމަތް ފައްޓަވައިދެއްވީ އެމަނިކުފާނު މިހާރު ފެލިދެއަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ.

ތިނަދޫގައި ޤާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ މުޅި ރާއްޖެ ހިމެނޭ އޭޓީއެމް ވިއުގައިގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 11 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށްފައެވެ.
މީގެ ތެރޭގައި އެންމެ ފަހުން ޚިދުމަތް ޤާއިމްކުރެވުނު ގއ. އަދި ގދ. އަތޮޅުގެ އިތުރުން، އއ. އަތޮޅާއި، ހއ. އަތޮޅާއި، ހދ. އަތޮޅާއި، ށ. އަތޮޅާއި، ދ. އަތޮޅާއި، ނ. އަތޮޅާއި، މ. އަތޮޅާއި، ކ. އަތޮޅު އަދި ބ. އަތޮޅު ހިމެނެއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށްދާ މި މަޝްރޫޢު މިއަހަރުގެ ނިޔަލަށް ނިންމުމަށް ބީއެމްއެލުން ވަނީ އަމާޒު ހިފާފައެވެ. މި މަޝްރޫޢުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް މާލީ ބާރުވެރިކަން ލިބި، އެރަށްރަށަށް އިޤްތިޞާދީ ކުރިއެރުން ލިބިގެންދާނެ ކަމަށް ބޭންކުން ވަނީ ފާހަގަކުރައްވާފައެވެ.
މިވަގުތު ބޭންކް އޮފް މޯލްޑިވްސްއިން ވަނީ 20 އަތޮޅުގައި 42 ބްރާންޗް، 163 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 222 އޭޓީއެމް ޤާއިމްކޮށްފައެވެ. މީގެ އިތުރުން ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތްތައްވެސް ފޯރުކޮށްދެމުން ގެންދެއެވެ.




