ވ.ތިނަދޫގެ ރައްޔިތުން ސަރުކާރަށް ހުށައެޅި ކަންކަމަށް، ކަމާ ގުޅުންހުރި މިނިސްޓްރީތަކާ ކުންފުނިތަކާ ގުޅިގެން ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ވ.އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި ރައީސް ތިނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށަށް މުހިންމު ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވިއެވެ.
މި ބައްދަލުވުމުގައި ރައްޔިތުން ވަނީ ރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމާއި، އަލަށް އާބާދުވާ ސަރަޙައްދުތަކަށް ކަރަންޓުގެ ރަނގަޅު ޚިދުމަތެއް ޤާއިމުކޮށްދިނުމަށް އެދިފައެވެ.
ރަށު ކައުންސިލްގެ ރައީސް ޝިފާޤް ޙުސައިން ވިދާޅުވި ގޮތުގައި ބަނދަރުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
”ރަށުގެ ބަނދަރުގަ، ގަދަވާ ދުވަސްވަރު ވަރަށް ގިނަ އުޅަނދުފަހަރު އަޑިޔަށް ގޮސްފަވެސް އެބަހުރި. އެންމެ ފަހުން ގަދަވި ދުވަސްވަރުވެސް ދެ އުޅަނދު އަޑިޔަށްދިޔަ,“ ޝިފާޤް ވިދާޅުވިއެވެ.
ޝިފާޤް ވިދާޅުވި ގޮތުގައި، ރަށުގެ ކުނީގެ މައްސަލައާއި، ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއެރުން ހޯދުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްދިނުމަކީވެސް ރައްޔިތުން އެދޭ ކަންކަމެވެ. ފަތުރުވެރިކަމުގެ ސަބަބުން ރަށުގެ އާބާދީ އިތުރުވެ، މިހާރު 700 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާއިރު، ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީވެސް ރައްޔިތުން އެދޭ ކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށް ވަޢުދުވެވަޑައިގެންފައެވެ.
”އަންނަ މާރޗްމަހުގެ ކުރިން ރަށުގައި ޑޮލަރު އޭޓީއެމްއެއް ޤާއިމުކޮށްދޭނަން. އަދި ދެން ހުށައެޅި މައްސަލަތައްވެސް ކަމާ ގުޅުންހުރި މުވައްސަސާތަކަށް ހުށައަޅާއިގެން ރައްޔިތުން ބޭނުންވާ ޙައްލު ހޯދައިދިނުމަށް މަސައްކަތްކުރާނަން,“ ރައީސް ވިދާޅުވިއެވެ.
ތިނަދޫއަކީ ރަށު ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަރަމުން އަންނަ ރަށެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، އަހަރަކު 125 މިލިއަން ރުފިޔާގެ ޓެކްސް އާމްދަނީ ދައުލަތަށް ލިބޭ ރަށެކެވެ.


