ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޚިދުމަތްތަކަށް މިރޭ ބުރޫ އަރާފާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލް އިން ބުނީ، ރާވައިގެން ކުރިއަށްގެންދާ މެއިންޓަނަންސް މަސައްކަތެއްގެ ސަބަބުން، މިރޭ ދަންވަރު 2:00 އިން 3:00 އާ ދެމެދު އެ ބޭންކުގެ ޚިދުމަތްތަކަށް ބުރޫ އެރުން އެކަށީގެންވާ ކަމަށެވެ.
މި ވަގުތުގައި ބީއެމްއެލްގެ އިންޓަނެޓް ބޭންކިން، ވެބްސައިޓް، ޕޮސް މެޝިންތައް، އޭޓީއެމްތައް، ޕޭމަންޓް ގޭޓްވޭ، ކާޑުގެ ޚިދުމަތްތަކުގެ އިތުރުން ޑޮލަރު ބުކްކުރާ ޕޯޓަލުގެ ޚިދުމަތްތައް މެދުކެނޑިދާނެ ކަމުގައި ބޭންކުން ބުނެއެވެ.
ބީއެމްއެލް އިން ބުނީ މެއިންޓެނަންސް މަސައްކަތުގެ ވަގުތު ކަނޑައަޅާފައިވަނީ ކަސްޓަމަރުންނަށް ޚިދުމަތްތަކަށް ވީހާވެސް ކުޑަކޮށް ބުރޫއަރާނެ ގޮތަށް ކަމަށެވެ.
އަދި ބޭންކުން ވަނީ މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.



