ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ދެވަނަ އަތޮޅެއްގެ ގޮތުން މިއަދު ފ. ބިލެތްދުއަށް ވަޑައިގެންފިއެވެ.
ރައީސް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މިދަތުރުފުޅުގެ ހަވަނަ ރަށް ކަމުގައިވާ ބިލެތްދުއަށް ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާނެއެވެ. މި ބައްދަލުވުންތަކުގައި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ބިލެތްދޫގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފެށުމާއި، ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމާއި، ހެލްތު ސެންޓަރުގެ އައު އިމާރާތުގެ ބިންގާ އެޅުމާއި، ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތާއި، ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢު ހިމެނެއެވެ. އަދި މީގެ އިތުރުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުންވެސް ހިމެނެއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.



