ފ. ބިލެތްދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިދެއްވައިފިއެވެ.
މި ޚިދުމަތް ފަށްޓަވައިދެއްވީ އެމަނިކުފާނު ފ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ޚިދުމަތް ފަށްޓަވައިދެއްވުމުގެ ގޮތުން މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ރައީސް ވަނީ ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ.
ބިލެތްދޫގައި ޤާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލުން މަޢުލޫމާތު ދެއެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 12 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ މި ޚިދުމަތް ޤާއިމްކޮށް ދޭން ފަށާފައެވެ. އެންމެ ފަހުން އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށް ނިންމާފައިވަނީ ވ. އަތޮޅުގައެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢު ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދާއިރު، ބޭންކުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް މި މަޝްރޫޢު އެއްކޮށް ނިންމާލުމެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައެއްގެ ގޮތުގައި ބީއެމްއެލްއިން މިހާރު ވަނީ 20 އަތޮޅުގައި 42 ބްރާންޗް، 163 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 222 އޭޓީއެމް ޤާއިމްކޮށްފައެވެ.
މީގެ އިތުރުން ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތްތައްވެސް ފޯރުކޮށްދެމުން ގެންދާއިރު، ބޭންކުގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.



