ފ. ބިލެތްދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ފ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހްސާނާއި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުއިއްޒެވެ.

ނޮވެމްބަރު 17، 2023 ވަނަ އަހަރު ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، ފުލުހުންގެ ހިދުމަތް ގާއިމްނުކުރެވި 72 ރަށެއް އޮތެވެ. މި ރަށްތަކުގައި ފުލުހުންގެ މަރުކަޒު ނުވަތަ ޕޯސްޓެއް ވެސް ނެތްކަން ފާހަގަކުރެވެއެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ ފުލުހުންގެ ޚިދުމަތް ނެތް ރަށްރަށުގައި އެ ޚިދުމަތް ގާއިމުކުރުމަށް އިސްކަންދީ، އެކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވާފައެވެ.
މިގޮތުން ބިލެތްދޫގައި މިއަދު ބިންގާ އެޅި ފުލުހުންގެ މަރުކަޒަކީ މި މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ އަނެއް މުހިންމު މަޝްރޫޢެވެ.



