މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ސާބިތުވުމާ ގުޅިގެން، ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބު އިބްރާހީމް، އުމުރަށް ޖަލަށް ލުމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ޝަހީބު އުމުރަށް ޖަލަށްލީ ރާއްޖެއަށް 130 ކިލޯގެ ޑްރަގު އެތެރެކުރި މައްސަލަ ސާބިތުވެގެންނެވެ.
ރާއްޖެއަށް މިހާތަނަށް އެތެރެކުރެވުނު އެންމެ ބޮޑެތި މަސްތުވާތަކެތީގެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ ކަމަށްވާ މި މައްސަލައިގައި ޝަހީބު ހިމެނޭގޮތަށް 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުންނާއި 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ހައްޔަރުކުރީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.
އެކަމަކު، އޭގެ ފަހުން ބައެއް މީހުން ބަންދުން ދޫކޮށްލިއެވެ. ބަންދުން ދޫކޮށްލުމުން، ޝަހީބު ފިލައިގެން ވެސް އުޅުނެވެ. ޝަހީބު ފިލައިގެން އުޅެނިކޮށް އަލުން އޭނާ ހައްޔަރު ކުރީ، އޭނާގެ އަންހެނުން ހައްޔަރު ކުރުމުން، އަމިއްލައަށް ފުލުސް އޮފީހަށް ގޮސް ފުލުހުންނާ ހަވާލުވުމުން މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ޝަހީބު އިބްރާހިމާއެކު ދައުވާ އުފުލުނު 18 އަހަރުން ދަށުގެ ކުއްޖާ ފިޔަވައި އެހެން ފަރާތްތަކުގެ މައްޗަށްވެސް ކުށް ސާބިތުވާ ކަމަށް ކޯޓުން ކަނޑައަޅާފައިވެއެވެ.
އެއީ، ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބާއި ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހުމަދު މޫސާގެ އިތުރުން އެކަމުގައި ބައިވެރިވި ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު، ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިން އަދި ބަންގްލަދޭޝްގެ އިގުބާލާއި އެ ގައުމަށް ނިސްބަތްވާ މުހައްމަދު ރިޔާދުއެވެ.
ޝަހީބަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޯޑިނޭޓަރެއްގެ މަޤާމު ފުރުއްވާފައިވާ އަދި ޕީއެންސީގެ ކައުންސިލް މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެހެންނަމަވެސް، މި މައްސަލައާ ގުޅިގެން ޕީއެންސީގެ ކައުންސިލް މެންބަރުކަމުން އޭނާ ވަނީ ސަސްޕެންޑް ކުރެވިފައެވެ.
މީގެއިތުރުން، ޝަހީބަކީ ކުރިން ރައްޔިތުންގެ މަޖިލީހަށްވެސް ވާދަކުރައްވާފައިވާ ބޭފުޅެކެވެ.




