ފ. ބިލެތްދޫ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބިލެތްދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.
91.2 މިލިޔަން ރުފިޔާގެ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީ އެވެ.
މި މަޝްރޫޢު 720 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

1300 މީހުންގެ އާބާދީއެއް އޮންނަ ބިލެތްދޫއަކީ ފާނަމަސްވެރިކަމަށް ޚާއްޞަވެފައިވާ ރަށެކެވެ. ނަމަވެސް މިހާތަނަށް ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދިފައި ނެތުމުގެ ސަބަބުން، ޚާއްޞަކޮށް ވިއްސާރަ މޫސުމުގައި ރަށުގެ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ނިމުމުން ބިލެތްދޫ ރައްޔިތުންނަށް ޒަމާނީ ރަނގަޅު ފެންވަރުގެ މަގުތަކެއް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ




