ފ. ބިލެތްދޫގައި ކުރިއަށްގެންދާ ބަނދަރު މަޝްރޫޢުގެ ތެރޭގައި ހިމަނައިގެން އެ ރަށު ބިން ހިއްކައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިކަން ރައީސް ހާމަކުރެއްވީ ބިލެތްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި ބިލެތްދޫގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތަށް ޚާއްސަ އިސްކަމެއް ދެއްވާނެއެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދާނީ ރައްޔިތުންގެ އެދޭގޮތަށް ކަމަށާއި، މި މަޝްރޫޢުގެ ބައެއްގެ ގޮތުގައި ހިމަނުއްވައިގެން ބިން ބޮޑުކުރުމަށްޓަކައި ހިއްކެން އޮތް އެންމެ ބޮޑު މިންވަރަކަށް ފަޅު ހިއްކައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.
”ރަށަށް ބިން އިތުރުކުރެވޭނެ ވަރަކަށް އިތުރު ކޮށްދޭނަން. އެމްޓީސީސީން މި މަސައްކަތް ނިންމާފައި ރަށުން ފައިބައިގެން ދާނީ،“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސް ވަނީ އަންނަ އަހަރުގެ ބަޖެޓު އެކުލަވާލާއިރު ބިލެތްދޫގައި އިތުރު މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ވިސްނާވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައިވެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ބިލެތްދޫގައި ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ވަނީ ފައްޓަވާފައެވެ. މީގެ ތެރޭގައި ފުލުހުންގެ މަރުކަޒުގެ އައު އިމާރާތާއި، ޞިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތާއި، ބަނދަރު އަޕްގްރޭޑްކުރުމާއި، ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހިމެނެއެވެ. އަދި އޭޓީއެމްގެ ޚިދުމަތްވެސް ވަނީ ފައްޓަވާފައެވެ.




