ފ.ފީއަލީގައި ހުއްޓިފައިވާ މަޝްރޫއުތައް އަލުން ފަށައި އަވަހަށް ނިންމައިދިނުމަށް ރަށުގެ ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދަންނަވައިފިއެވެ.
ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް އެރަށަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދެއްކި ގިނަ ފަރާތްތަކުން ފާހަގަކުރީ، ކުރީގެ ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫއުތައް މިހާރު ހުރީ ހުއްޓިފައި ކަމަށެވެ.
އެގޮތުން އެންމެ އިސްކަމެއް ދީގެން ރައްޔިތުން އެދިފައިވަނީ ބިން ހިއްކުމުގެ މަޝްރޫއު މެދުނުކެނޑި ކުރިއަށް ގެންދިއުމަށެވެ.
”ވަރަށް އާދޭހާ އެކު އެދެން މަނިކުފާނު، ބިންހިއްކުމުގެ މަޝްރޫއު މަޑުޖައްސައިނުލައްވާށޭ،“ ރަށުގެ އެއް ރައްޔިތަކު ރައީސަށް ދެންނެވިއެވެ.

މީގެއިތުރުން، ރަށުގެ ކުނިކޮށި މިހާރު ހުރި ތަނުގެ ސަބަބުން ރައްޔިތުންގެ ސިއްހަތަށް ކުރިމަތިވެފައިވާ ނުރައްކާ ފާހަގަކޮށް، ކުނިކޮށި އެހެން ތަނަކަށް ބަދަލުކޮށްދިނުމަށް ވެސް ރައްޔިތުން ވަނީ އެދިފައެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ފީއަލީގެ ބިން ހިއްކުމުގެ މަޝްރޫއު 15 ހެކްޓަރަށް ފުޅާކުރުމަށް ވަނީ ނިންމާފައި ކަމަށެވެ. އަދި މަޝްރޫއު ލަސްވެފައިވަނީ ބޮޑުހިލަ ހޯދުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.
”ނަމަވެސް އެ މައްސަލަތައް ހައްލުކުރެވި ބޭނުންވާ ދިމަދިމާލަށް ބޮޑުހިލަ ގެންދިއުމުގެ މަސައްކަތް ވަނީ ފެށިފައި. އެހެންވީމާ މިރަށަށް ވެސް ވަރަށް އަވަހަށް އަންނާނެ. އެހެންވީމާ 15 ހެކްޓަރުގެ ބިން ހިއްކިގެންދާ ގޮތަށް މި މަޝްރޫއު ފެށިގެންދާނެ ދާދި އަވަހަށް،“ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، އެކި ސަބަބުތަކާހުރެ ހުއްޓިފައިވާ އެހެނިހެން މަޝްރޫއުތައް ވެސް އަލުން ފަށައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.




