ޕޯޗުގަލް އިންވެސް ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަންނަން ނިންމައި، އާދިއްތަ ދުވަހު އެކަން ރަސްމީކޮށް އިއުލާނުކުރާނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އދ.ގެ އާންމު މަޖިލީހުގައި، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައިވާ ހުޅަނގުގެ ގައުމުތަކުގެ ތެރޭގައި އިނގިރޭސި ވިލާތް، ކެނެޑާ އަދި ފްރާންސް ހިމެނެ އެވެ.
މި ގައުމުތަކުން މިކަން އިއުލާނުކުރީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ވަރުގަދަ ހަމަލާތަކާއި ޣައްޒާއަށް ކުރިމަތިކޮށްފައިވާ ނުރައްކާ ހާލަތުގެ ސަބަބުން އެ ކަންކަން ހުއްޓުވަން ކުރާ މަސައްކަތުގެ ތެރެއިންނެވެ.
”ޕޯޗުގަލް އިން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން ފޮރިން މިނިސްޓްރީން ކަށަވަރު ކޮށްދެމެވެ. އެކަން ރަސްމީކޮށް އިއުލާން ކުރާނީ މި މަހުގެ 21 ވާ އާދީއްތަ ދުވަހު،“ އެ މިނިސްޓްރީގެ ވެބްސައިޓްގައި ބުނެފައިވެއެވެ.
ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންގެ އެޑްވައިޒަރެއްގެ މައުލޫމާތުގައިވާ ގޮތުން، އެންޑޯރާ، އޮސްޓްރޭލިއާ، ބެލްޖިއަމް، ލަގްޒެމްބާގް، މޯލްޓާ އަދި ސެން މެރީނޯ އިން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެއެވެ.
މިހާރުވެސް އދ.ގެ މެންބަރު 193 ގައުމުގެ ތެރެއިން 75 ޕަސެންޓް ގައުމުތަކުން ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަނެފައެވެ. މިކަމާ ގުޅިގެން އިޒްރޭލުން ވަނީ ހަރުކަށި އިބާރާތުން ފާޑުކިޔައި، މިއީ ހަމާސްގެ ހަމަލާތަކަށް ދެވޭ އިނާމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އަންނަ ހަފުތާގައި ނިއު ޔޯކްގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ.ގެ އާންމު މަޖިލީހުގައި އެންމެ ބޮޑަށް އަލިއަޅުވާލެވޭނެ ކަމަށް ބެލެވެނީ ދެ ދައުލަތުގެ ހައްލު ހޯދުމަށެވެ.



