ފ. ފީއަލީގައި އާ މިސްކިތެއް ބިނާ ކުރުމަށް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.
މިކަމުގެ އެއްބަސްވުމުގައި މިއަދު އިސްލާމިކް މިނިސްޓްރީއާއި އެ ކުންފުންޏާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަމީން މުޙައްމަދުއެވެ.
ފ. ފީއަލީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މި މިސްކިތް ނިމޭއިރު މިސްކިތުގައި ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ހަމަޖެހިފައިވާއިރު މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމެއް ހިމެނޭނެއެވެ.
މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދެއްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.



