ފ. ނިލަންދޫގައި އަޅަން ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ މިރޭ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު އެމްއޭސީއެލްއާއި ހަވާލުކުރީ ކުރިއަށް އޮތް 30 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ފ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެއާޕޯޓު އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެއާޕޯޓަށް ބޭނުންވާ 1,500 މީޓަރުގެ ރަންވޭއަށް ބޭނުންވާ ބިން މިހާރު އެ ދަނީ އެމްޓީސީސީގެ ފަރާތުން ހިއްކައި ނިމެމުންނެވެ. އަދި އިތުރު 300 މީޓަރުގެ ސަރަހައްދެއް ހިއްކުމުގެ މަސައްކަތް ވެސް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ.
”އެހެންވީމާ ނިމޭއިރު 1,800 މީޓަރުގެ ރަންވޭއެއް އެޅުމަށް ބޭނުންވާ ބިން ހިއްކިގެން އެ ދަނީ،“ ރައީސް ވިދާޅުވިއެވެ.
އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ އެއާޕޯޓުގެ ސިވިލް މަސައްކަތްތަކާއި އޮޕަރޭޝަންގެ އެންމެހައި ކަންކަމެވެ. ރައީސް ވިދާޅުވި ގޮތުގައި މި އެއާޕޯޓަކީ އެ ރަށާއި ފ. އަތޮޅުގެ ތަރައްގީއަށް ކޮންމެހެން ބޭނުންވާ ވަސީލަތެކެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަހައްދަކުން 30 މިނެޓުގެ ތެރޭގައި ދެވޭ ދުރުމިނުގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމްކުރުމުގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން، މި އެއާޕޯޓުގެ ބިން ހިއްކަން ފެށީ މިދިޔަ އަހަރުއެވެ.
މިހާތަނަށް 42.6 ހެކްޓަރުގެ ބިން ހިއްކައި، 2,098 މީޓަރުގެ ހިލަ ރިވެޓްމަންޓާއި 1,400 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ވަނީ ޖަހާފައެވެ.



