ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 178،000 އަށްވުރެ ގިނަ މީހުންގެ މައުލޫމާތު އެއްކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ފ. ނިލަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގައި މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލައެވެ.
މިއީ އަބަދުވެސް ދައްކަމުން އައި ވާހަކައެއް ނަމަވެސް އެއްވެސް ސަރުކާރަކުން އެކަން ހައްލު ކުރަން މަސައްކަތްކޮށްފައި މީގެކުރިން ނެތް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވުމާއެކު ”ކުރަނގި“ ޕްރޮގްރާމްގެ ދަށުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 178،982 ބިދޭސީންގެ މައުލޫމާތު ރެކޯޑުކުރެވިފައިވާ ކަމަށާއި، މިއީ ރާއްޖޭގައި ތިބޭނެކަމަށް ލަފާކުރެވޭ ދެ ލައްކައެއްހާ ބިދޭސީންގެ ތެރެއިން ބޮޑު އަދަދެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެކަނިވެސް 8609 މީހުން ޑީޕޯޓްވެސްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ކުރިން ނުގަވާއިދުން އުޅޭ މީހުން ޑިޕޯޓްކުރަމުން ދިޔައީ ހަމައެކަނި ނަމަކަށްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ބިދޭސީން ރާއްޖޭގައި ތިބެ ދިވެހި ރައްޔިތުންގެ ވިޔަފާރިތަކަށް ނުގަވާއިދުން ވަންނަމުންދާ މައްސަލަ ހައްލުކުރުމަށްވެސް މި މަސައްކަތުގެ ތެރެއިން އަމާޒު ހިފާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.



