އދ. ކުނބުރުދޫ ސިއްހީ މަރުކަޒު ތަރައްގީ ކުރުމުގެ މަޝްރޫއު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ.
8.17 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ޖަމްޝީދެވެ. އަދި ހެލްތް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަހުމަދު ގާސިމެވެ.
މި މަޝްރޫއުގެ ދަށުން 4،600 އަކަ ފޫޓުގެ ސަރަހައްދެއްގައި 12 އެނދުގެ އިމާރާތެއް ބިނާކުރެވޭނެ ކަމަށާއި، މި މަޝްރޫއު 300 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީއިން ބުންޏެވެ.
”މި މަޝްރޫއުގެ މަސައްކަތް ފުރިހަމަވުމާއެކު، ރަށުން ލިބިގެންދާ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވެ، މުޅި ރަށުގެ އާބާދީއަށް ފާހަގަކުރެވޭ ހެޔޮ ފައިދާތަކެއް ކުރާނެ،“ އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން އިތުރަށް ފާހަގަކުރި ގޮތުގައި މި މަޝްރޫއު ނިމުމުން ކުނބުރުދޫ ރައްޔިތުން ސިއްހީ ފަރުވާއަށް އެހެން ރަށްރަށަށް ދަތުރުކުރަން ޖެހޭ މިންވަރު މަދުވެ، އެކަމާ ގުޅިގެން ކުރަންޖެހޭ މާލީ ހަރަދުތައް ވެސް ކުޑަވެގެންދާނެއެވެ.




