ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި 57 މިލިއަނަށްވުރެ ގިނަ ރުފިޔާ އެކި ގޮތްގޮތުން އެހީގެ ގޮތުގައި ދޫކޮށްފިއެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ 14,492 މީހަކަށް މާލީ އެހީގެ ގޮތުގައި 52.6 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
މިދިޔަ މަހު އަލަށް 125 މީހަކު މި ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާއިރު، މިހާރު ޖުމްލަ 14,673 މީހުން ވަނީ ދަފްތަރުގައި ހިމެނިފައެވެ.
ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ދަށުން 25,720 ރުފިޔާ ދޫކޮށްފައިވާއިރު، އަލަށް 4 މީހަކަށް މި އެހީ ފޯރުކޮށްދީފައިވެއެވެ. މި ޕްރޮގްރާމްގެ ދަށުން މިހާރު ޖުމްލަ 700 މީހަކަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ.
މީގެއިތުރުން، ފަޤީރު ހާލަތުގައި އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ ޕްރޮގްރާމްގެ ދަށުން 4.9 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މި އެހީ 2,870 މައިން ނުވަތަ ބަފައިންނަށް ލިބެމުންދާއިރު، 4,901 ކުޑަކުދިންނަށް މީގެ މަންފާ ކުރަމުންދެއެވެ. އަދި މިދިޔަ މަހު އަލަށް 30 މައިން ނުވަތަ ބަފައިންނާއި 69 ކުޑަކުދިން މި ޕްރޮގްރާމްގައި ރަޖިސްޓްރީކޮށްފައިވެއެވެ.
ސަރުކާރުން ވަނީ ނާޒުކު ހާލަތުގައި ތިބި ޢާއިލާތަކުގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އެފަދަ ޢާއިލާތަކުގެ ފުދުންތެރިކަން އިތުރުކުރުމަށް އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް ފާހަގަކޮށްފައެވެ.



