މުލަކުގެ ފިޓްނަސް ސެންޓަރާއި މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް އޮތް 4 މަސް ތެރޭ ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިރޭ މ. މުލަކުގައި ބޭއްވި ރަސްމިއްޔާތުގައި، ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި މުލަކުގެ މަގުތަކުގެ މަސައްކަތް މިހާރު ވަނީ ތާރު އެޅުމުގެ މަރުހަލާއާ ހަމައަށް ގޮސްފައެވެ. އަދި އާރްޑީސީން މި މަސައްކަތް ނިންމުމަށް ތައްޔާރުވަމުންދާ ކަމަށާއި، މިއަދުން ފެށިގެން 4 މަސް ދުވަހުގެ ތެރޭގައި މަގު ހެދުމުގެ މަޝްރޫއު ނިންމާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން މުލަކުގައި ކުރިއަށް ގެންދަން ރާވާފައިވާ އެހެނިހެން މަޝްރޫއުތަކުގެ ތެރޭގައި ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހެދުން ހިމެނެއެވެ. މީގެ އިތުރުން ފުޓްބޯޅަ ދަނޑު ފުރިހަމަ ކުރުމުގެ މަސައްކަތް އަންނަ އަހަރު ބަޔަކާ ހަވާލުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރަށުގެ ތަރައްގީއަށް ކުރިއަށް ގެންދާ އެހެނިހެން މަޝްރޫއުތަކުގެ ތެރޭގައި ބަނދަރުގެ މަސައްކަތާއި ރަށް ގިރުމުގެ މައްސަލަ ހައްލުކުރުން ހިމެނެއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހޭންޑްބޯޅަ ކޯޓެއް އެޅުމުގެ މަސައްކަތް ހިމަނުއްވާނެ ކަމަށާއި، އިރުމަތީފަރާތުގައި ޖެޓީއެއް ގާއިމުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މުލަކުގެ ކަރަންޓުގެ މައްސަލަ އާއި ސްކޫލުގެ މަޝްރޫއު ވެސް ނިންމަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ރަށުގެ ފުލުހުންގެ ޚިދުމަތަށް 14 އަހަރު ވަންދެން ބޭނުންވެފައިވާ ވެހިކަލެއް އޮކްޓޯބަރު މަހުގެ ނިޔަލަށް ފޯރުކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.




