މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ކުރިން، އައިސް އުފައްދާ އާރްއެސްޑަބްލިއު ސިސްޓަމް 200 އުޅަނދަށް ދޫކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ހިރިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއީ އެކިއެކި މަސައްކަތްތަކަށް ފަހިވާގޮތަށް ހިރިލަންދޫގައި ގިނަ މަޝްރޫޢުތަކެއް ހިންގަވައިދެއްވާނެކަމަށެވެ.
ސަރުކާރުން ވަނީ މަސް ދޯނިތަކަށް، މަސް ފިނި ކުރާ ނިޒާމު ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ފައްޓަވާފައެވެ. ހިރިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މި ސްކީމްގެ ދަށުން، އާރްއެސްޑަބްލިއު ސިސްޓަމް ދޫކުރުމަށް ހޮވުނު އުޅަނދުތަކުގެ ތެރެއިން ގިނަ އުޅަނދު ނިސްބަތް ވަނީ ހިރިލަންދޫއަށްކަމަށެވެ.
އަދި އެ ސިސްޓަމްތައް ވަރަށް އަވަހަށް އެ ދޯނިތަކަށް ދޫކުރަން ފައްޓަވާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
”ދޯނީގައި ބަހައްޓާ އައިސް އުފައްދާ ނިޒާމު ދޫކުރުމުގެ މި ބުރުގައި އެ ރަށުގެ 4 އުޅަނދަކަށް ސިސްޓަމް ދޫކުރުމަށް ވަނީ ހަމަޖެހިފަ. މިއީ އެންމެ ގިނަ ސިސްޓަމް ދޫކުރެވޭ ރަށް. މަސްވެރިންގެ ދުވަހުގެ ކުރިން 200 އުޅަނދަކަށް އެބަ ސިސްޓަމް ހަރުކުރަން ލޯނު ދޫކުރެވޭ. އެހެންވީމަ ޖުމްލަ 300 ސިސްޓަމް ޖުމްލަ ދޫކުރެވޭނެ.“ ރައީސް ވިދާޅުވިއެވެ.
ރަށުގެ ސިނާޢީ މަސައްކަތްތަކަށް ފަހިކޮށްދިނުމަށް، ރަށުގެ ބިން އިތުރަށް ހިއްކަން ނިންމާފައިވާކަމަށާއި، އޭރުން މަސްވެރިކަމާ ރަށުގައި އިތުރު ވިޔަފާރިތައް ކުރުމަށް މަގުފަހިވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރަށުގެ ސްކޫލް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ ދިރާސީ އަހަރުގެ ކުރިން ނިންމަވާނެކަމަށެވެ. އަދި ހެލްތު ސެންޓަރުގެ މަސައްކަތްވެސް އިސްކަމެއް ދީގެން ނިންމަވައިދެއްވާނެކަމަށް ވިދާޅުވިއެވެ.




