ތ. ވަންދޫ ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޅުމަޑުލުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއެވެ.
ވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ބަނދަރުގެ މަސައްކަތް ވަރަށް އަވަހަށް ފަށައި، ހަލުވިކަމާއެކު ކުރިއަށް ގެންގޮސްދޭނެ ކަމަށެވެ.
މި މަޝްރޫޢާއެކު، ވަންދޫގެ ތަރައްޤީގެ އެހެން މަޝްރޫޢުތަކުގެ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ. މިގޮތުން ރަށު ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ވަނީ ފެށިފައެވެ.
އަދި ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބޭނެގޮތް ހަމަޖެއްސުމުގެ ގޮތުން އޭޓީއެމްގެ ޚިދުމަތްވެސް ވަނީ ތަޢާރަފުކޮށްފައެވެ.


