އިންޑިޔާގެ ހުޅަނގު ބަންގާލް ސްޓޭޓުގެ ވެރިރަށް ކަލްކަތާއަށް ރެކޯޑު މިންވަރަކަށް ވާރޭވެހި، ގިނަ ސަރަޙައްދުތަކުގައި ފެންބޮޑުވެ، މިހާތަނަށް 12 މީހުން މަރުވެއްޖެއެވެ.
ފުލުހުން ބުނީ، ކަލްކަތާގައި ގިނަ މީހުން މަރުވެފައިވަނީ ކަރަންޓުގައި ޖެހިގެން ކަމަށެވެ.
އިންޑިޔާގެ މޫސުމާބެހޭ އިދާރާއިން ބުނިގޮތުގައި، އިއްޔެ އެކަނި ވެސް 251.6 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. މިއީ 1988 ވަނަ އަހަރުގެ ފަހުން އެ ސަރަހައްދަށް މި މިންވަރަށް ވާރޭ ވެހުނު ފުރަތަމަ ފަހަރެވެ. އަދި ކުރިއަށް އޮތް ދެ ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ކަލްކަތާގެ ގިނަ މަގުތަކުގައި ފެންބޮޑުވެ، ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިވެފައެވެ. މީގެ ސަބަބުން ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތްތަކާއި ބައެއް ވައިގެ ދަތުރުތައް ވެސް ވަނީ ހުއްޓާލަން ޖެހިފައެވެ
މި ހާދިސާއާ ގުޅިގެން ސަލާމަތީ އިދާރާތަކުން ވަނީ ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ފަށައިފައެވެ.
އެގޮތުން ޕަމްޕުތައް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދާއިރު، ރައްކާތެރިކަމުގެ ގޮތުން ސްކޫލްތަކާއި ކޮލެޖުތައް މިއަދާއި މާދަމާ ވެސް ބަންދުކުރުމަށް ވަނީ ނިންމާފައެވެ.



