ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓްރެފިކް ފްލޯއަށް މިރޭ 12:00 އިން ފެށިގެން ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.
މިކަމާއި ގުޅިގެން އެއާޕޯޓް ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނެރުނު އިއުލާނުގައި ބުނިގޮތުގައި، މިރޭ 12:00 ފެށިގެން އެއާޕޯޓަށް އުޅަނދުތަކަށް ވަދެވޭނީ އެއާޕޯޓުގެ ބޭރު މަގުންނެވެ.
އަދި އެއާޕޯޓަށް މީހުން ގޮވައިގެން އަންނަ އުޅަނދުތަކާއި ޓެކްސީތައް މަޑުކުރާ ސަރަހައްދުގެ ކުރިމައްޗަށް އޮންނަ މަގުގެ ވާތްފަރާތް ބޭނުންކުރުމަށް ވަނީ އަންގާފައެވެ.
އެމްއޭސީއެލް އިން ބުނީ، އެއާޕޯޓް ޓާމިނަލް 1 އަދި ޓާމިނަލް 2 އަށް މީހުން ގޮވައިގެން އަންނަ އުޅަނދުފަހަރު އެއާޕޯޓުން ނުކުތުމަށް ބޭނުންކުރަންވާނީ ޓާމިނަލް 1 ގެ ކުރިމަތީގައި އޮންނަ މަގު ކަމަށެވެ.
އަދި ބޭރު މަގުން އަންނަ އުޅަނދުތަކުގެ ތެރެއިން އެއާޕޯޓުން ނުކުންނަން ބޭނުންވާ އުޅަނދުތައް ޕާކިންގ ސަރަހައްދު ކުރިމައްޗަށް އޮންނަ މަގުގެ ކަނާތްފަރާތް ބޭނުންކުރަން އެމްއޭސީއެލްއިން ބުނެފައިވެއެވެ.




