ތ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް އޭޓީއެމް ބަހައްޓައި ޚިދުމަތް ދޭން ފަށައިފިއެވެ.
އަތޮޅުތަކުގައި، މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމުގެ މަޝްރޫޢުގެ ދަށުން ތ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ބަހައްޓާ ޚިދުމަތް ދޭން ފަށާފައިވަނީ، ރައީސް އެ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
”މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް“ މަޝްރޫޢުގެ ދަށުން މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެކެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު 13 ރަށަކަށް ވަޑައިގަންނަވާއިރު، މީގެ ތެރެއިން މިހާތަނަށް އޭޓީއެމްގެ ޚިދުމަތް ނުލިބޭ 9 ރަށެއްގައި މިހާރު ވަނީ އެ ޚިދުމަތް ފަށާފައެވެ.
އަލަށް އޭޓީއެމްގެ ޚިދުމަތް ފެށުނު ރަށްތަކުގެ ތެރޭގައި ބުރުނި، މަޑިފުށި، ވިލުފުށި، ކަނޑޫދޫ، ވަންދޫ، އޮމަދޫ، ކިނބިދޫ، ދިޔަމިގިލި އަދި ގާދިއްފުށި ހިމެނެއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން ތ. ވިލުފުށީގައި ބީއެމްއެލްގެ ބްރާންޗް އިމާރާތުގެ ބިންގާވެސް ވަނީ އަޅުއްވާފައެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފެށި މި މަޝްރޫޢުގެ ދަށުން، މިހާތަނަށް 14 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ވަނީ ފެށިފައެވެ.
އަދި ފަތުރުވެރިކަން ފުޅާވެފައިވާ ބައެއް ރަށްތަކުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތްވެސް ބީއެމްއެލްއިން ދަނީ ކުރަމުންނެވެ.



