އެމްޑީޕީއިން ވަނީ ވެރިކަން ލިބުނު ކޮންމެ ފަހަރަކު ގައުމު ބަނގުރޫޓުކޮށްލާފައި ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
ފަލާހު މިފަދައިން ވިދާޅުވެފައިވަނީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ސައީދު އެ ކުންފުނި ހިންގެވި ދުވަސްވަރު ހިންގާފައިވާ ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަންގެ މައްސަލަތައް އޮޑިޓް ރިޕޯޓަކުން ހާމަވުމާ ގުޅިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ، އެމްޑީޕީ އަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު އެތައްސަތޭކަ އަހަރެއް ގައުމު ފަހަތަށް ދުއްވާލައި އަދި ގައުމު ދަރުވާލައި، ބަނގުރޫޓުކޮށްލާ ކަމަށެވެ.
ފަލާހު ވިދާޅުވީ، ފެނަކައިން އެކަނި 2.2 ބިލިއަން ރުފިޔާ ވަގަށް ނަގާފައިވާ ކަމަށާއި، އެމްއެމްޕީއާރުސީގެ ޚިޔާނާތް ސައީދު އެކަނި ސުމަކަށް ޖައްސާލާފައިވާ ކަމަށެވެ. އަދި މި ފައިސާއިން ލައްކަ ދިމާލަށް ބައި އަޅާފައި ހުންނާނެ ކަމަށާއި ރަނގަޅަށް ބަލާލުމުން އެކަން ފެންނަން ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
”މިހާރު ރައްޔިތުންނަށް ސާފުވާނެ 3 އޮކްޓޫބަރު ގައި މިކިޔާ ލޫޓުވައިފި މިބަހުގެ މާނަ. ހަނދާން ނައްތާލާ ތިހެން މުޅި ޤައުމު ނޮޅާލައިގެން ތިބެ ކުށެއް ނެތް ހަލާލު މަސައްކަތުން މުދާ ހޯދާފައި ތިބި ބައެއްގެ ބޮލުގައި ހުރިހާކަމެއް އަޅުވާފައި ބަޗައިގެން ނުދެވޭނެ.“ ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ދައުލަތް ލޫޓުވާލި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށެވެ.



