އިދިކޮޅު އެމްޑީޕީން ބާއްވަން ތައްޔާރުވަމުން އަންނަ ބޮޑު މުޒާހަރާއާ ގުޅިގެން މާލޭގެ މަގުތަކުގައި ދަމާފައި ހުރި ބެނާތައް ނެގުމުގެ މަސައްކަތް ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
މި ބެނާތަކަކީ އަންނަ މަހުގެ ތިންވަނަ ދުވަހު އެމްޑީޕީން ބާއްވަން ނިންމާފައިވާ ”ލޫޓުވައިފި“ ނަމުގައި ބާއްވާ މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން ދަމާފައިވާ ބެނާތަކެކެވެ.
އެޗްޑީސީއިން ބުނިގޮތުގައި، އެޗްޑީސީގެ ހުއްދަ ނެތި އުސޫލުން ބޭރުން، ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި އިޝްތިހާރު ކުރުމަށް ހަރުކޮށްފައިވާ ބެނާ ޕޯސްޓަރު ފަދަ ތަކެތި ނެގުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ.
އެޗްޑީސީއިން ބުނީ، އެ މަސައްކަތުގެ ތެރެއިން އެ ތަކެއްޗަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށެވެ.
އެޗްޑީސީއިން ބުނިގޮތުގައު ހުއްދަ ނެތި، ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި ބެނާއާއި ޕޯސްޓަރުފަދަ ތަކެތި ހަރުކުރުމަކީ މަނާކަމެއް ކަމަށެވެ.
އަދި ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި ބެނާ ޕޯސްޓަރު ހަރުކުރަން ބޭނުންވާ ފަރާތްތަކުން އެޗްޑީސީގެ ހުއްދައަށް އެދުމުން، އޮންނަ އުސޫލުގެ ތެރެއިން ފުރުސަތު ދެމުންދާނެ ކަމަށްވެސް އެޗްޑީސީއިން ބުނެފައިވެއެވެ.



