އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް އެމެރިކާއަށް ވަޑައިގެން އުޅުއްވާ ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ، ފަލަސްތީނަށް ތާއީދުކޮށް ނިއު ޔޯކްގައި ބޭއްވި މުޒާހަރާއެއްގައި ބައިވެރިވެ ވަޑައިގަތުމާ ގުޅިގެން އެމެރިކާއިން ވިސާ ކެންސަލްކުރަން ނިންމައިފިއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ނިއު ޔޯކް ސިޓީގެ މަގުމަތީގައި ހުންނަވައި ސިފައިންގެ އަމުރުތަކަށް ތަބާނުވުމަށް ގޮވާލައި، ހަމަނުޖެހުމަށް ހިތްވަރުދެއްވާފައިވާތީ ރައީސް ޕެޓްރޯގެ ވިސާ ކެންސަލްކުރަން ނިންމީ ކަމަށެވެ.
ނަމަވެސް އެ ޕޯސްޓްގައި ޕެޓްރޯ ކުރެއްވި ވަކި އަމަލެއްގެ ތަފްސީލެއް ހިމަނާފައެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވީޑިއޯތަކުން ދައްކާގޮތުގައި ރައީސް ޕެޓްރޯ ވަނީ ފަލަސްތީނުގެ ހައްގުގައި އަޑުއުފުލުމަށް އދ.ގެ މައި މަރުކަޒު ކައިރީގައި ބޭއްވި އެއްވުމެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ.
މި އަހަރުގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި އެހެން ބައެއް އިސް އޮފިޝަލުންނަށް ވެސް އެމެރިކާއިން ވަނީ ވިސާ ދޫކޮށްފައި ނުވެއެވެ. އެހެންކަމުން ރައީސް އައްބާސް އދ. އަށް ބަޔާން އިއްވެވީ ވީޑިއޯ މެދުވެރިކޮށެވެ.
އާންމު މަޖިލީހުގެ ހަތަރުވަނަ ދުވަހު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަ ދައްކަން ފެއްޓުމާއިއެކު، ގިނަ ޤައުމުތަކުގެ މަންދޫބުން ވަނީ ބައްދަލުވުން ދޫކޮށް ވަޑައިގެންފައެވެ.
ނަތަންޔާހޫގެ ވާހަކާގައި ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަށް ހުޅަނގުގެ ޤައުމުތަކުން ނިންމި ނިންމުމަކީ ”ލަދުވެތި ނިންމުމެއް“ ކަމަށް ސިފަކޮށް ވަނީ ފާޑުކިޔާފައެވެ.




