ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވައި، އެކަމަށް ޚާއްސަ ސިޔާސަތުތައް ތަންފީޒުކުރަމުންގެންދާކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ، މަސްވެރިންނަށް ޚާއްސަކޮށްގެން ސަރުކާރުން ތ. ގުރައިދޫގައި ސެނެހިޔާގެ ހައިޕަރބެރިކް ސެންޓަރެއް ހުޅުވާ ޚިދުމަތް ދޭން ފެށުމާގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
”ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައި، އެކަމަށް ޚާއްސަ ސިޔާސަތުތައް އެކުލަވާލައްވައި ތަންފީޒުކުރައްވަމުންދޭ،“ މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
މި ސެންޓަރު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މިއީ ފީނުމުގެ ތެރޭގައި ޑައިވިން ޑިކޮމްޕްރެޝަން ސިކްނެސް، ޑީކޯވާ މީހުންނަށް ފަރުވާދިނުމަށް ޚާއްސަ ސެންޓަރެކެވެ.
މަސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖޭގައި މަސްވެރިކަން ކުރާ ކޮންމެ އޮޑިއެއްގައި އެންމެ މަދުވެގެން އެއް ރެސްކިއު ޑައިވަރު ބެހެއްޓުމުގެ ޕްރޮގްރާމް ހިމެނެއެވެ. މި ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރު އެކަނިވެސް 56 ޑައިވަރުން ތަމްރީނުކޮށްފައިވާކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.
މިނިސްޓަރު ޝިޔާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން އެއްވެސް ސަރުކާރަކުން މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުކުރާ މުހިއްމު އެތައް މަސައްކަތްތަކެއް މިހާރުގެ ސަރުކާރުން ކުރަމުންދެއެވެ.
އަދި ރާއްޖޭގެ ކޮންމެ ސިނާޢަތަކަށްވެސް ހެޔޮ ބަދަލުތަކެއް ގެންނަވައި، ރައީސް ތަފާތު ދައްކަވަމުންގެންދަވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.



