އދ. ގެ ކޮމިޓީ އޮފް އެކްސްޕާޓްސް އޮން ގްލޯބަލް ޖިއޯސްޕޭޝަލް އިންފޮމޭޝަން މެނޭޖްމަންޓް ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެން ޖީޖީއައިއެމްއޭޕީ) ގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރު ކަމަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ.
ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ބޭއްވުނު ޔޫއެން-ޖީޖީއައިއެމްއޭޕީގެ 14 ވަނަ ޕްލިނަރީ ބައްދަލުވުމުގައި، ރާއްޖޭގެ މާލީކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ޖިއޯމެޓިކްސް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް، މުހައްމަދު ޝާފީ ވަނީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން މި މަގާމަށް ހޮވިވަޑައިގެންފައެވެ.
މި އެގްޒެކެޓިވް ބޯޑަށް ދިވެހިރާއްޖެއާއެކު އަރްމޭނިއާ، އޮސްޓްރޭލިއާ، ފިޖީ، އީރާން، ޖަޕާން، މެލޭޝިއާ، މޮންގޯލިއާ، ޕާކިސްތާން، ރަޝިއާ އަދި ޓޮންގާގެ މަންދޫބުން ވަނީ ހޮވިފައެވެ. މި ބޯޑުގައި ޖުމްލަ 15 މެންބަރުން ހިމެނޭއިރު، އޭގެ ތެރޭގައި ދެ ކޯ-ޗެއާ އަދި ތިން ވައިސް-ޗެއާ ހިމެނެއެވެ.
ހާރިޖީ ވުޒާރާއިން ފާހަގަކުރައްވާފައިވާ ގޮތުގައި، މި ކާމިޔާބީއާއެކު ރާއްޖެއިން ޖިއޯސްޕޭޝަލް ދާއިރާއިން ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް އިސް ދައުރެއް އަދާކުރާނެއެވެ.
އަދި މިއީ ދުނިޔޭގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޖިއޯސްޕޭޝަލް މައުލޫމާތު ތަރައްގީކޮށް ބެލެހެއްޓުމުގައި ރާއްޖެއަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
ޔޫއެން-ޖީޖީއައިއެމްއޭޕީއަކީ އޭޝިއާ އަދި ޕެސިފިކް ސަރަޙައްދުގައި ޖިއޯސްޕޭޝަލް މައުލޫމާތު ތަރައްގީކޮށް، ބެލެހެއްޓުމުގައި އިސްދައުރެއް އަދާކޮށް، ވިލަރެސްކޮށް އަދި އެހީތެރިވެދޭ ސަރަހައްދީ ޖަމިއްޔާއެކެވެ.



