ފެނަކަ ހިޔާނާތުގެ މައްސަލައިގައި ޝާމިލްވާ އެންމެން ހޯދާ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
ފެނަކައިގެ ބޮޑު ވައްކަމާ ގުޅިގެން ”އެކްސް“ގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީ ސަރުކާރުން މުޅި ދައުލަތް ލޫޓްވަމުންދާ މައްސަލަ، ފެނަކަ އަދި ވެންޓިލޭޓަރުގެ ކޮރަޕްޝަންގެ މައްސަލަ، މަޖިލިސްގެ ސަމާލުކަމަށް އޭރު މެންބަރަކަށް ހުންނެވިއިރު ގެންނެވި ކަމަށެވެ.
ނަމަވެސް އެމްޑީޕީ ސަރުކާރުން އެމްޑީޕީ ސުޕާ މެޖޯރިޓީ އޮތް މަޖިލީހަކުން ވެސް އަދި މިނިވަން މުވައްސަސާތަކުން ވެސް އަޅާނުލި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”އެމްޑީ ސައީދު އެކަނި މި ވަރުގެ ވައްކަންތައް ނުކުރެވޭނެ. ވަރަށް ގިނަ މީހުންނަށް ބައި އެޅިކަން މިހާރު މި ދަނީ ފަޅާ އަރަމުން.“މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ ޒިންމާ އަކަށް ވާންޖެހޭނީ ހަމައެކަނި އެންމެ މީހަކަށް ގާނޫނު ހިންގުމުގެ ބަދަލުގައި މުޅި މައްސަލައިގެ އެންމެ އަޑިއަށް ފީނައި މި ކަމުގައި ޝާމިލްވާ މީހުންނާމެދު އިންސާފުވެރި ތަހުގީގެއް ހިންގައި ގެއްލިފައިވާ ފައިސާ ރައްޔިތުންނަށް ހޯދައިދޭން ކަމަށެވެ.
މިހާ ދުވަހު އަޅާނުލާ ތިބި މުވައްސަސާތައް ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށާއި، ގައުމު ސަލާމަތް ކުރެވޭނީ ކޮރަޕްޝަން މުލުން ލުހިލައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޮޑިޓް އޮފީހުން ނެރުނު ފެނަކައިގެ 2021 އިން ފެށިގެން 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކައިން ހިންގިކަން ސާބިތުވާ ހިޔާނާތް 2.2 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައެވެ.


