ބާސެލޯނާގެ ބްރެޒިލްގެ ފޯވަޑް ރަފީނިއާ އާއި ގޯލްކީޕަރު ޖޯން ގާސިއާއަށް އަނިޔާވެ 4 ހަފްތާއަށް ކުޅުމާއި ދުރަށްދާން ޖެހިއްޖެއެވެ.
ބާސާއިން ބުނީ، މި ދެ ކުޅުންތެރިންނަށްވެސް ޗެންޕިއަންސް ލީގުގައި އެންމެ ފަހުގެ ޗެންޕިއަން ޕީއެސްޖީއާއި ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ ކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ރަފީނިއާގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން ގާތްގަނޑަކަށް ތިނެއް ނުވަތަ ހަތަރު ހަފްތާއަށް ކުޅުމާ ދުރުގައި ހުންނަންޖެހޭނެއެވެ. އަދި ގޯލްކީޕަރު ޖޯން ގާސިއާގެ ކަނާތު ފައިގެ މެނިސްކަސް އިރައިގެން ދިއުމާ ގުޅިގެން އޮޕަރޭޝަން ކުރުމަށްފަހު، އެނބުރި ކުޅުމަށް އާދެވޭވަރު ވާނީ ހަތަރު ހަފްތާ ފަހުންނެވެ.
ބާސެލޯނާގެ އަނިޔާވެފައިވާ ކުޅުންތެރިންގެ ލިސްޓަށް އިތުރުވެފައިވާ ޒުވާން މިޑްފީލްޑަރު ގާވީގެ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައިވާއިރު، އޭނާއަށް އެނބުރި ކުޅުމަށް އާދެވޭނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ.
މިޑްފީލްޑަރު ފާމިން ލޯޕޭޒް ވެސް އަނިޔާގައި ހުރިނަމަވެސް، އެޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ލާމީން ޔަމާލް އާއި އަލެހަންޑްރޯ ބަލްޑޭ އަނިޔާއިން ރަނގަޅުވެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވުމެވެ.
ކޯޗު ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި ބާސެލޯނާ މެޗަކުން ބަލިވެފައި ނުވިނަމަވެސް، ލީގުގައި ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ރެއާލް މެޑްރިޑަށްވުރެ ދެ ޕޮއިންޓް ފަހަތުން ތާވަލުގެ ދެވަނައިގައެވެ.
ސްޕެނިޝް ލީގުގައި އާދިއްތަ ދުވަހު ރެއާލް ސޮސިއެޑާޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުމަށްފަހު، ބުދަ ދުވަހުގެ ރޭ ޗެންޕިއަންސް ލީގުގައި ބާސެލޯނާއިން ނުކުންނާނީ އެންމެ ފަހުގެ ޗެންޕިއަން ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށެވެ.



