ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސިއްހީ ހާލުކޮޅު ރަނގަޅުވެ، ހޮސްޕިޓަލުން މިއަދު ދޫކޮށްލައިފިއެވެ.
މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނީ މިދިޔަ އަންގާރަ ދުވަހު އެވެ.
މައުލޫމާތު ލިބޭގޮތުގައި، ގާސިމް އެޑްމިޓް ކުރީ، ސަން އައިލެންޑް ރިސޯޓުގައި ހުންނަވަނިކޮށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން ޕްރެޝަރު ބޮޑުވެދާނެ ކަމުގެ ބިރަށް ލޯންޗުގައި މާލެ ވަޑައިގެން، އައިޖީއެމްއެޗަށް ވަޑައިގަތުމުން ކަމަށެވެ. ހާލުކޮޅު ސްޓޭބަލްވުމާ ގުޅިގެން މިހާރު ވަނީ ގެއަށް ދޫކޮށްލައިފަ އެވެ.
ގާސިމަކީ ހިތުގެ އާލާސްކަންފުޅާ އުޅުއްވާތީ ކުރިން ވެސް ފަރުވާ ހޯއްދަވާފައިވާ ބޭފުޅެކެވެ.
މީގެކުރިން 2017 ވަނަ އަހަރު ވެސް ގާސިމްގެ ހިތުގެ އާލާސްކަންފުޅަކާ ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް، ފަރުވާ ދޭން ޖެހުނެވެ.
އަދި އޭރު އެކަމަށް އިތުރަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރާއި ޖަރުމަނަށް ވެސް ވަޑައިގެންނެވި އެވެ.



