ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ސަރުކާރުން ދޭން ނިންމި ލޯނު ސްކީމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިއަދު ހުޅުވާލައިފިއެވެ.
މި ސްކީމްގެ ދަށުން ރަހުނަކާ އެކު 500،000 ރުފިޔާ އަދި ރަހުނަކާ ނުލައި 150،000 ރުފިޔާގެ ލޯނު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެސްޑީއެފްސީން ހާމަކުރި ގޮތުގައި މި ލޯނު ދޫކުރެވޭނީ އަހަރަކު 9.5 ޕަސެންޓުގެ އިންޓަރެސްޓް ރޭޓެއްގައެވެ. އަދި ލޯނުގެ ފައިސާ އަނބުރާ ދެއްކުމަށް 5 އަހަރު ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. މީގެ އިތުރުން ލޯނުގެ ގްރޭސް ޕީރިއަޑްގެ ގޮތުގައި 6 މަސް ދުވަސް ދެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
ސަރުކާރުން މި ލޯނު ސްކީމް ތަޢާރަފުކުރުމުގެ މައިގަނޑު މަޤްޞަދަކީ ކޮންޓެންޓް ކްރިއޭޓަރުން ބާރުވެރިކޮށް، ރާއްޖޭގެ ކްރިއޭޓިވް އިޤްތިޞާދަށް ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދައިދިނުމެވެ. މި ސްކީމްގެ ސަބަބުން ޑިޖިޓަލް ކޮންޓެންޓް އުފައްދާ ފަރާތްތަކާއި، އިންފްލުއެންސަރުންނާއި، ވީޑިއޯގްރާފަރުންނަށް އެ ފަރާތްތަކުގެ ވަސީލަތްތައް އިތުރުކޮށް، ވިޔަފާރި ފުޅާކުރުމުގެ އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެއެވެ.
އެސްޑީއެފްސީން ފާހަގަކުރި ގޮތުގައި މި ލޯނު ސްކީމްގެ އެހީގައި އިކުއިޕްމަންޓް ގަތުމާއި، އުފެއްދުންތެރިކަމުގެ ޚަރަދުތައް ހަމަޖެއްސުމާއި، ކްރިއޭޓިވް އެންޓަޕްރައިސަސްތައް ސްކޭލްކުރުމަށް ކޮންމެހެން ބޭނުންވާ ވިޔަފާރީގެ އެކި ޚަރަދުތައް ފޫބެއްދޭނެއެވެ.
ކޮންޓެންޓް ކްރިއޭޓަރުންނަށް ލޯނު ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.


