އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސިވިލް ސަރވިސް، ޖުޑިޝަރީ އަދި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ދައުލަތުގެ މުސާރަ އެއްހަމަ ކުރުމުގެ އުސޫލުގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ މި ތިން ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރެއްވުމަށް ނިންމެވި ނިންމެވުމަކީ މިއަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާނު ކުރައްވާފައިވާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
މިދައުރުގެ ތެރޭގައި ސަރުކާރުން ވަނީ ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރައްވާފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނަށް ކުރިން ދެމުންދިޔަ އެލަވަންސް، ރަސްމީ މުސާރައިގެ ގޮތުގައި ހަމަޖައްސަވާފައިވެއެވެ. މީގެއިތުރުން 2022 ވަނަ އަހަރު ޕޭ ކޮމިޝަނުން މުސާރަ އެއްހަމަކުރުމުގެ މަސައްކަތުގެ ދަށުން ނަރުހުންނާއި ޓީޗަރުންގެ މުސާރަވެސް ވަނީ ބޮޑުކޮށްފައެވެ.
ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައަށް އެންމެ ފަހުން ބަދަލެއް ގެނެސްފައިވަނީ 2009 ވަނަ އަހަރުގައެވެ. އޭގެފަހުން އެކި ނަންނަމުގައި އެލަވަންސްތައް ދިންނަމަވެސް އެކަށީގެންވާގޮތުގައި މުސާރައަށް ބަދަލެއް ގެނެވިފައެއް ނުވެއެވެ. މިކަމަކީ ގިނަ ރައްޔިތުންގެ ކަންބޮޑުވުމެއްގެ ގޮތުގައި އޮތް މައްސަލައެކެވެ.
ރައީސް ވިދާޅުވި ގޮތުގައި މިއަހަރު ތެރޭގައި މުސާރަ ބޮޑުނުވާ ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.




