މުޅި ދުނިޔޭގައި ވެސް މިހާތަނަށް އެންމެ އުހުގައި ހެދި ބްރިޖް ޗައިނާގައި މިއަދު ޓްރެފިކަށް ހުޅުވާލައިފިއެވެ.
ހުއާޖިއާންގް ގްރޭންޑް ކެންޔަން ބްރިޖަކީ 625 މީޓަރު (2،051 ފޫޓް) އުހުގައި، ގުއިޒޫ ޕްރޮވިންސްގެ ކޯރުތަކާއި ފަރުބަދަތަކުގެ ތެރެއިން ހަނި ވާދީތައް ހުރަސްކޮށް ހެދި ތަނެކެވެ.
މި ބްރިޖް ހުޅުވުމާ އެކު، ހަމަ އެ ޕްރޮވިންސްގައި ކުރިން އެންމެ އުސް ބްރިޖްގެ ގޮތުގައި އޮތް 565 މީޓަރު އުހުގައި އޮންނަ ބެއިޕަންޖިއަންގް ބްރިޖްގެ ރެކޯޑް ވަނީ ގެއްލިފައެވެ.
ޕްރޮވިންޝަލް ޓްރާންސްޕޯޓު ޑިޕާޓްމަންޓްގެ ވެރިޔާ ޒަންގް ޔިން ވިދާޅުވި ގޮތުގައި މި ބްރިޖް ހުޅުވުމުން ދެ ފަރާތުގެ ދެމެދުގައި ދަތުރުކުރާ ވަގުތު ދެ ގަޑިއިރުން ދެ މިނެޓަށް ކުޑަވެގެންދާނެއެވެ.
”މި ބްރިޖްގެ ސަބަބުން ސަރަހައްދީ ދަތުރުފަތުރުގެ ހާލަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ސަރަހައްދީ އިގުތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ،“ ޒަންގް ޔިން ވިދާޅުވިއެވެ.
ޗައިނާގެ އިގްތިސާދު ހަލުވިކަމާ އެކު ކުރިއަރަމުން އަންނައިރު، ފަރުބަދަމަތީ ޕްރޮވިންސެއް ކަމަށްވާ ގުއިޒޫގައި ދުނިޔޭގެ އެންމެ އުސް ދެ ބްރިޖް އޮންނަ އިރު، އެ ޕްރޮވިންސްގައި އެތައް ހާސް ބްރިޖެއް ހަދާފައިވެއެވެ.
ޗައިނާގެ ރަސްމީ ނޫސް އޭޖެންސީ ޝިންހުއާ އިން ބުނާ ގޮތުގައި ދުނިޔޭގެ އެންމެ އުސް 100 ބްރިޖުގެ ތެރެއިން ދެބައިކުޅަ އެއްބައި ބްރިޖް ހުންނަނީ މި ޕްރޮވިންސްގައެވެ.
ތިން އަހަރުގެ މުއްދަތެއްގައި ނިންމާލެވުނު މި ބްރިޖުގެ ދިގުމިނުގައި 1،420 މީޓަރު ހުންނަ އިރު، މިއީ ފަރުބަދަމަތީ ސަރަހައްދެއްގައި ހިމެނޭ ދުނިޔޭގެ އެންމެ ދިގު ބްރިޖެވެ.




