ކޮރަޕްޝަންގެ މައްސަލަތަކުގައި ގެއްލިފައިވާ ފައިސާ ހޯދޭނީ ރައީސް ވިދާޅުވީ އެސެޓް ރިކަވަރީ ގާނޫނު ހަދައި ތަންފީޒުކޮށްގެން ކަމަށް ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވެފައިވަނީ، ގެއްލިފައިވާ ރައްޔިތުންގެ ފައިސާ ހޯދޭނީ ކޮރަޕްޝަން ހިންގި މީހުންނާއި ހުރިހާ ބެނިފިޝިއަރީން ހޯދައި، ކަން ހިނގި ގޮތް ތަހުގީގުކޮށް އެ ފައިސާ އަތުލެވިގެން ކަމަށެވެ.
”މި ކަމަށް ހައްލެއް ލިބޭނެ ކަމަށް ފެންނަނީ ރައީސް މުއިއްޒު ވިދާޅުވި އެސެޓް ރިކަވަރީ ގާނޫން ހަދައި އެ ގާނޫން ތަންފީޒްކޮށްގެން،“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، 4 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ.
ސައީދުގެ މައްޗަށް ކުށް ސާބިތުވެފައިވަނީ 2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ބްލޭޒަންގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ އެ ކުންފުންޏަށް ދޫކޮށް ނާޖާއިޒު މަންފާ ހޯދައިދިން މައްސަލައިގައެވެ.
އެ މައްސަލައިގައި ސައީދުގެ މައްޗަށް ކުރީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ.



