މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ބްރިޖާއި ހައިވޭގައި 40 އަށް ވުރެ އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުން އެނގޭ ގޮތުގައި 21 އިން 27 ވަނަ ދުވަހުގެ ނިޔަލަށް ބްރިޖާއި ހައިވޭގައި ހިނގި 46 އެކްސިޑެންޓުގެ ތެރޭގައި ގިނައީ ސައިކަލާއި ކާރު ޖެހިގެން ހިނގާފައިވާ އެކްސިޑެންޓުތަކެވެ.
އެގޮތުން އެފަދަ 11 އެކްސިޑެންޓެއް މިދިޔަ ހަފްތާގައި ހިނގާފައިވެއެވެ.
މީގެ އިތުރުން ސައިކަލާއި ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓްތަކުގެ އަދަދު ވެސް މަތިވެފައިވެއެވެ. އެފަދަ 8 އެކްސިޑެންޓް މިދިޔަ ހަފްތާގައި ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނިގޮތުގައި އެކްސިޑެންޓްތައް އެންމެ ގިނައިން ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައެވެ. އެގޮތުން ދުވާލު 29 އެކްސިޑެންޓް ހިނގާފައިވާ އިރު، ރޭގަނޑުގެ ވަގުތުތަކުގައި 17 އެކްސިޑެންޓް ހިނގާފައިވެ އެވެ.
މި އެކްސިޑެންޓްތަކުގައި ޖުމްލަ 43 މީހަކަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި 45 އެއްގަމު އުޅަނދަށް އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.



