ރެއާލް ސޮސިއެޑާޑް ބަލިކޮށް ރެއާލް މެޑްރިޑްގެ ހިތްހަލާކުކޮށްލާފައި ބާސެލޯނާ ސްޕެނިޝް ލަލީގާގެ ތާވަލުގެ އެއްވަނައަށްްް ޖެހިލައިފިއެވެ.
ބާސާއިން ވަނީ ތާވަލުގެ ކުރީގައި އޮތް ރެއާލް މެޑްރިޑުން މި ހަފްތާގައި ކުޅުނު މެޗުން ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވުމުގެ ފައިދާ އެންމެ ރަނގަޅަށް ނަގައިފައެވެ.
ބާސެލޯނާ އިން މިރޭ ރަށުން ބޭރުގައި ކުޅުނު މި މެޗުން ރެއާލް ސޮސިއެޑާޑް އަތުން މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.
މި މޮޅާއިއެކު، ހަތް މެޗުން 19 ޕޮއިންޓާ ލިބި ތާވަލުގެ އެއްވަނައަށް ބާސާ އަރައިފައިވާއިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ ހަތް މެޗުން 18 ޕޮއިންޓް ލިބިފައެވެ.
ސޮސިއެޑާޑް ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހާލީ އެ ޓީމުންނެވެ. 31 ވަނަ މިނެޓުގައި އަންޑެއާ ބެރެންޓެކްސެއާ ތަނަވަސްކޮށްދިން ފުރުސަތަކުން އަލްވާރޯ އޮޑްރިއޮޒޯލާ ޖެހި މި ލަނޑުން ސޮސިއެޑާޑުން ލީޑުނެގިއެވެ.
ނަމަވެސް މެޗުގެ 44 ވަނަ މިނެޓުގައި މާކަސް ރެޝްފޯޑް ކޯނަރަކުން ނަގައިދިން ބޯޅައަކުން ޖޫލްސް ކޫންޑޭ ޖެހި ލަނޑުން ބާސެލޯނާ އިން ނަތީޖާ އެއްވަރު ކުރިއެވެ. މިއީ ރެޝްފޯޑް ތަނަވަސްކޮށްދިން ފުރުސަތުތަކުން ބާސެލޯނާ އިން ލީގުގައި ޖެހި ތިންވަނަ ލަނޑެވެ.
މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާގެ ކުޅުން އިތުރަށް ރަނގަޅުވެ، 58 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލަމީން ޔަމާލް ދިން މޮޅު ބޯޅައަކުން ރޮބަޓް ލެވަންޑޯސްކީ ބޮލުން ޖެހި ލަނޑުން މެޗުގެ ނަތީޖާ އަނބުރާލައި، ބާސެލޯނާ އިން މެޗު ކާމިޔާބު ކުރިއެވެ.




