ހުޅުމާލެ ފޭސް 1 ގައި އެންމެ ފުރަތަމަ އިމާރާތްކުރި ފްލެޓުތަކުގެ ދެމެދުގައި ހިނގަން ޚާއްސަކޮށްފައިވާ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި ސައިކަލްތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން މިއަދު ފަށައިފިއެވެ.
މިގޮތުން މިއަދު ހަވީރުން ފެށިގެން ފްލެޓުތަކުގެ ދޮރުމަތީގައާއި ސިޑިތަކުގެ ދަށުގައި ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ސައިކަލްތައް ވަނީ ޓޯކޮށްފައެވެ.
ހުޅުމާލޭގެ ފްލެޓް ސަރަހައްދުގައި ސައިކަލް ޕާކުކުރުމަށް ވަކި ސަރަހައްދުތަކެއް ކަނޑައަޅާފައިވާއިރު، ފްލެޓް އިމާރާތްތަކުގެ ދެމެދުގައިވާ ހިނގާ މަގުތަކަށް އެއްވެސް ވެހިކަލެއް ވެއްދުން މަނާކަން އަންގައިދޭ ބޯޑުތައް ބަހައްޓާފައިވެއެވެ. ނަމަވެސް މި ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ސައިކަލް ޕާކުކުރުމާއި ބާރު ސްޕީޑުގައި ސައިކަލް ދުއްވުމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ.
މީގެ އިތުރުން، ބައެއް ފްލެޓްތަކުގެ ކައިރީގައިވާ ހުސް ބިންތަކުގައި ކާރާއި ޕިކަޕް ފަދަ އުޅަނދުތައް ވެސް ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަކަން ފާހަގަކުރެވެއެވެ. ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރުމަށްފަހު އަނބުރާ ދޫކުރެވޭނީ 48 ގަޑިއިރު ފަހުންނެވެ.
އަދި ޓްރެފިކް ގާނޫނާއި ގަވާއިދާ ޚިލާފުވާ އެއް ވެހިކަލް ދޫކުރެވޭނީ ޓޯކުރާތާ 15 ދުވަސް ފަހުންނެވެ.




